ކިތަންމެ އައު އަދި ކިތަންމެ ބޮޑުކަމެއް ނަމަވެސް، ގުޅުއްވި ފަރާތުގެ ސަބަބުން އެއީ، އަޅުގަނޑަށް ބޮޑުކަމަކަށް ނުވިއެވެ. ކިތަންމެ ކުޑަކަމަކު ވިދާޅުވިޔަސް ވިދާޅުވާނީ، ވަގުތާއި ހާލަތާ އެއްވެސް ގޮތަކުން “ދަތި” ވާނެތޯ ބައްލަވައިފައެވެ. ނުކުރެވުނަސް އެއްވެސް ހިތްބަރުކަމެއް ނުބާއްވަވާނެއެވެ. އެހެންކަމުން އަޅުގަނޑުވެސް ކޮށްދޭންޖެހޭ ކަމެއް ކޮށްދެނީ، ހިތުން ރުހުމުން ލޮލުން ބޮލުންނެވެ. އަދި ކޮންމެކަމެއް ހަވާލު ކުރައްވާނީވެސް ހުރިހައި މަގުތަކެއް ކުރުކޮށްދެއްވައިފައެވެ. ދާންވީ މަގުގައި އެއްވެސް ބަންދު ބޯޑެއް ނުހުންނާނެކަން ކަށަވަރު ކުރައްވައިފައެވެ. ބަންދު ގަޑިތަކާއި ހުޅުވޭ ގަޑިތައް ޔަގީން ކުރައްވައިފައެވެ. އިތުރަށް ޔަގީންކުރަން ބޭނުންވާނަމަ، ގުޅޭނެ އަތުފޯނު ނަންބަރުތަކަށް ދާނދެން އަޅުގަނޑުގެ ފޯނަށް އެތެރެކޮށް ދެއްވައިފައެވެ.
ކޮންމެއަކަސް، އެދުވަހު ސައިކަލުގެ ފުރޮޅަށް އެނބުރެންޖެހޭ އެނބުރުންތައް ތަރުތީބުވެފައިވާ ގޮތުން ފުރަތަމަ ބުރުތައް ހަމަކުރުމަށްފަހު، މެންދުރުން އަނބުރައި 2 ޖަހަންވާއިރަށް ލޮނުޒިޔާރަތްކޮޅަށް މިސްރާބު ޖަހައިފީމެވެ. ކުރިން އެނގިފައި ނެތް ތަނެއް ނަމަވެސް އެހިސާބުގަނޑު އެނގޭތީ، އެތަން ހޯދައިލާކަށް މާކަ އުނދަގުލެއް ނުވިއެވެ. 2 ޖެހުމާދޭތެރޭ ސިކުންތު ކަށީގެ 5 ވަރަކަށް ބުރު ބާކީ އޮތުމުން ކުޑަކޮށް ބޭރުގައި މަޑުކޮށްލާފައި ލަފާކުރެވޭ، މިޒަމާނުގެ “ގަރާޖް” ދޮރުމައްޗަށް އަރައިފީމެވެ. ވަރަށް ހިނިތުންވެލައިފައިހުރި ޒުވާން ކުއްޖަކު ދޮރުމަތީގައި ހުއްޓެވެ. ހެދިހުރިހަށިގަނޑާއި ރޫފައަށް ބަލާއިރު ރަސްމީކޮށް މަސައްކަތް ކުރުމުގެ ހުއްދަ ލިބޭ އުމުރަށް ނާޅާނެކަން ޔަގީން ކުރެވުނެވެ. މަތިމަހުން “ހިޔަންޏެއް”ވެސް ފެންނަން ނެތުމާއި ދަތްދޮޅިން “ކޯދެއް”ވެސް ދައްކާލައިފައި ނެތުމުން ނެވެ. ނަމަވެސް، އަޑުއިވިފައިވާ ގޮތުގައި އަޅުގަނޑުމެންގެ ޤައުމު ފިޔަވައި 7 ޤައުމުގައިވެސް ޕާސްޕޯޓެއް ހައްދައިލުމަކީ އެހައި “ބޮޑު” ކަމެއް ނޫނެވެ. އެހެންވީމާ، ޢާއިލާއަށްޓަކައި ހެއްދި ޕާސްޕޯޓުން އޭނާ ބޮޑުވީކަމަށް ވެދާނެއެވެ. ޢާއިލާއަށް ފައިސާ ޖަހައިދޭ ތައްގަނޑަކަށް ވުމަށްޓަކައެވެ. އެއީ، އެ ޢާއިލާއަށް ހުރި ނަސީބެއްތާއެވެ.
ޓަޔަރު އެބަހުރިތޯ އަހައިލުމުން މާކޮށި ނޫންގޮތަކަށް “ކޮން ނަންބަރު” ހޭ އަހައިލައިފިއެވެ. ފޯނު ހުޅުވައިލައިފައި 2 އަކުރެއް ކިޔައިލާއިރަށް “އަދި ނަންބަރު ހުންނަނީ” އޭ ބުނެލައިފިއެވެ. އަޅުގަނޑު ފޯނު ދައްކައިލުމުން “ހުންނަނީއޭ” ބުނެފިއެވެ. ކިހައިވަރަށްތޯ އެހުމުން، ވަރަށް ރީތިކޮށް “ހައިތްސަތޭކަ ފާންސާސް” އޭ ބުނެފިއެވެ. އަދި “އޯކޭ” ހޭ ވެސް އަހައިފިއެވެ. އާނއެކޭ ބުނުމުން، “މަޑުކުރަނީ” އޭ ބުނެލައިފައި، ބިލެތްހަރެއްހެން ހުރި ދިގު ސިޑިއަކުން މައްޗަށް އަރައިފިއެވެ. ހަމައެހައި ހަލުވިކޮށް އައިސް، ރިމް ބޭނުންތޯ އަހައިފިއެވެ. ރިމަކީ ކޯޗެއްކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. ރިމަކީ ކޯޗެއްތޯ އެހުމުން މަރާމާތަށް ގަރާޖަށް ވައްދާފައި އޮތް ޕިކަޕެއްގެ ފުރޮޅުން ރިމެއް ދައްކައިދީފިއެވެ. ރިމާއެކު ކިހައިވަރަކަށްތޯ އެހުމުން، އަސްތާ އެޖެހުނީ، ބޮޑު މައްސަލައެކެވެ. “ރިމް 100 ރުފިޔާ ދިގުވަނީ” އޭ ބުނެފިއެވެ. މިވާގޮތެއް ރޭކާވެސް ނުލިއެވެ. “އެ ކީއްވެ ދިގުވަނީ؟” ސުވާލު ރަނގަޅަށް ނުނިމެނީސް، “ޓައިރު ހުންނަނީ ހައިތް ސަތޭކަ ފާންސާސް، ދެން ރިމް ބޭނުންވަނީ، ސަތޭކަ ރުފިޔާ ދިގުވަނީ…!” އޭ ބުނެފިއެވެ.
މިހާރު ދެން ވާނުވާ އޮޅުން ފިލުވުމަށް އިތުރު ސުވާލު ކުރަން ޖެހުނީތާއެވެ. “ސަތޭކަ ރުފިޔާ ދިގުވަނީ…؟؟” ބުމަގޮށްޖަހައިލައިފައި ސުވާލު ކޮށްލައިފީމެވެ. އޭނާ އިތުރު ތަފުސީލު ދޭން ފަށައިފިއެވެ. އެތާ އޮތް ފިލާގަނޑެއްގައި އިނގިލި ކުރިން ހިސާބު އަކުރުން 750 ލިޔެލައިފިއެވެ. އަދި އޭގެ ތިރީގައި 100 ލިޔެލައިފިއެވެ. “ހައިތްސަތޭކަ ފާންސާސް، މީ ސަތޭކަ ދިގުވަނީ” ނޭނގޭ މީހުންނަށް އެންގުމަށްޓަކައި ކިތަންމެ ގޮތެއް ބޭނުން ކުރަން ޖެހޭނެތާއެވެ. މިފަހަރު އަޅުގަނޑު މިވީ ނޭނގޭ މީހަކަށްތާއެވެ. އެވަގުތު އަޅުގަނޑު ބުނީމެވެ. “ސަތޭކަ ރުފިޔާ ދިގު ނުވާނެ” އެވެ. “ބޮޑުވަނީ” އެވެ. “އަގުބޮޑު ވަނީ”އެވެ. ވަރަށް ހަމަޖެހިލާފައި އޭނާގެ ހުކުމް އިއްވައިފިއެވެ. “މައްސަލަ ނެތީ” އޭ ބުނެއެވެ. އަގުބޮޑުވީއޭ ކިޔަސް ބޮޑުވީއޭ ކިޔަސް އޭނާގެ އެއްވެސް މައްސަލައެއް ނެތްކަމަށް ހުކުން ކުރީއެވެ.
މިއީ، މީގެ ކުރިން އަޅުގަނޑު އަހައިފައިނެތް “ބަންގާޅީ ދިވެއްސެކެވެ.” މިކަހަލަ ކިތަންމެ “ކުރިއެރުންތަކެއް” ދިވެހިބަހަށް އަންނަމުން ދާނެއެވެ. ކެތްތެރިކަމާއެކު، އަޅުގަނޑުމެންވާނީ، އެ ބަސްބަހުގެ މާނަ ހޯދާށެވެ. އެމީހުންގެ “މައްސަލަ ނެތީ” އެވެ.
____________________
(1) ކުޑަމެންދުރު: ދުވާލު 9.00 ން 12.00 އާ ދެމެދުގެ ވަގުތު
ޚިޔާލު ފޯމު