ގެއްލުނީ އަދު ގައުމުދުށް މުޙްތަރަމު ޢިއްޒަތްތެރިއެކޭ
އެންމެނަށް އެއްބަސްވެވޭ ފަޚުރެއްކަމަށްވީ ތަރިއެކޭ
ޚިދުމަތުގެ ލިސްޓުން އެތައް ގިނަ ވަނަތަކެއް ފާހަގަވެވޭ
ޚިދުމަތަށް ތެދުވެރި ވަފާތެރި ވަނަ ދެވޭ މާތް ދަރިއެކޭ
ޞިއްޙަތާ، މަސްވެރިކަމާ، ތަޢުލީމު އަދި މާލިއްޔަތާ
ހިންގަވައި މަތިވެރި ނަތީޖާއެއް ނެރުއްވި ވަޒީރެކޭ
ނައިބަކަށް ގައުމުގެ ރައީސުގެ ހުންނަވައި ވެސް ލޮބުވަތައި
އައިބަކަށް ފުރުސަތު ނުދެއްވެވި ހާދަ އިޚްލާސްތެރިއެކޭ
ދިވެހި މިނިވަންކަމުގެ ވާހަކަދެކެވިދާ ނަމަ، ގައިމުވެސް
މިވެހި ދެމިއޮތްހައި ހިނދެއްގައި ހަނދުމަވާނޭ “ބަތަލެކޭ”
ގައުމު ދުށް އެކި ދައުރުތަކުގައި ވެސް ވަފާތެރިކަންމަތީ
ގައުމު އިސްކޮށް އެ ގޮތުގައި ހުންނެވި (ޔަގީން) ތެދުވެރިއެކޭ
ދިރިއުޅުއްވުމުގައި ނުހަނު ސާދާ ގޮތެއްގެ މިސާލުގައި
ދިރިތިބީންނަށް ހެޔޮ ނަމޫނާއެއް ކަމަށްވި “ދިވެއްސެކޭ”
ދަރަޖައެއްގެ ތަފާތަކަށް ފަންތީގެ މޮޅަކަށް ދެރައަކަށް
ދަރަޖަ ނުމެކޮށް އެންމެނަށް ގާތްކަން ބެހެއްޓެވި ޝަޚުޞެކޭ
އުފުލިގެން މަތިވެރި ދަރަޖައެއް ދެއްވެވުން އެދި ޙަޟުރަތުން
އުފުލެނީ ހެޔޮހައި ދުޢާގައި އެންމެ ޚާލިޞް ހިތްތަކޭ
_______________________
މިއީ، ދިވެހިބަހުގެ އެކެޑަމީން، 2016ވަނަ އަހަރު ނެރުއްވި، “ދެވަނައެއް ނެތްފަދަ ޢަބްދުއްސައްތާރު މޫސާ ދީދީ” ފޮތުގައި ޝާއިއު ކުރެވިފައިވާ ޅެމެކެވެ.

ޚިޔާލު ފޯމު