އެންމެ ފަހުގެ

ކާކަކީ ކާކު؟ – 1: ކުޅުދޫ ޙައްވަ

ރުފިޔާއަކަށް ފަންބޮޑިއެއް، ބައިރުފިޔާއަކަށް ކަނަމަދު ނާޅިއެއް ވިއްކި
ކުޅުދޫ ޙައްވަ އަދިވެސް މަސައްކަތުގައި

ގޭގޭގެ ފުރާޅާއި ބިތުގައި ފަންގި ލައިގެން އުޅުނު ހަނދާން ހުރި އެތައް ބަޔަކު އަދިވެސް އަޅުގަނޑުމެންނާ އެކު ދިރިއުޅެމުން އެބަ ދެއެވެ. އޭރުގެ ގޮތަށް ދަނޑިފަނުން ގެއަޅައިގެން ގޭތެރެއަށް ވެލި ލައިގެ އުޅުނު ޖީލު އަޅުގަނޑުމެންގެ ބައި ގަރުނުގެ ތާރީޚުގެ ސޮފުހާތަކަށް ވުރެ ދުރަކަށް އަދި ނުދެއެވެ.

ފަންގެ ވިނުމަކީ، ދިވެހީންގެ ދިރިއުޅުމުގައި އާމްދަނީ ހޯދުމަށް ޓަކައި ރަށްފުށުގައި ކޮށް އުޅުނު އެއް މަސައްކަތެވެ. މަދު  (ނުވަތަ ކަނަމަދު) ފެޅުމަކީ ވެސް ފާހަގަކޮށްލެވުނު މަސައްކަތެކެވެ. އޭރުގެ އެތައް ބައެއްގެ ދުވަހުގެ ފުރާގު ހަމަޖައްސަނީ އޭރުގެ ގޮތުން ނަމަ އެފަދަ ބައެއް ކުދިކުދި މަސައްކަތުންނެވެ. މިހެން މި ދެންނެވީ މީގެ ސާޅީހަކަށް ފަންސާހަކަށް އަހަރު ކުރީން މާގިނަ މުހުތާދުތަކެއް ނޯންނާތީއެވެ. ލިބޭ މަދު ފައިސާކޮޅަކުން ދެކޮޅުޖެހި އިތުރު ވެސް ވާތީއެވެ.

މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ، ކެނދުކުޅު އަވަށު އަލިތަރި، ޙައްވާ އިބްރާހީމް ނުވަތަ އާންމު ނަމުން ނަމަ ކުޅުދޫ ޙައްވައަކީ، ދިވެހި ހީވާގި ކަނބަލުންގެ ތެރެއިން ފާހަގަ ކޮށްލަންޖެހޭ ފިސާރި މުރާލި ކަނބަލެކެވެ.

ހައްވަ، ފަންގެ ވިނުމުގެ މަސައްކަތް ފެށީ އުމުރުން 15 އަހަރުގައެވެ. އޭރު ފަންގަނޑެއްގެ އަގަކީ، އެންމެ 25 ލާރިއެވެ. އޭރުގެ ގޮތުން ނަމަ، ހަތަރުއަނާއެވެ. ފަންބޮނޑިއެއް އެއްރުފިޔާއަށެވެ. މިހާރު ފަންބޮނޑިއެއްގެ އަގަކީ، 105ރުފިޔާއެވެ. ނަމަވެސް މިހާރު އާންމު ގޮތެއްގައި ހައްވަ ފަންގެވިނދެއެއް ނޫޅެއެވެ. އެ މަސައްކަތް ހަވާލުކޮށްފައި އޮންނަނީ އޭނާ އަންހެން ދަރިފުޅަކަށެވެ.

ހީވާގިކަމާ އެކު ޙައްވަ ކުރާ އަނެއް މަސައްކަތަކީ، ކަނަމަދުފެޅުމެވެ. އާންމުކޮށް ކިޔާ ގޮތުން ނަމަ، މަދުފެޅުމެވެ. މިއީ، ވަރަށް ހުނަރުވެރި މަސައްކަތެކެވެ. ހައްވަ ބުނި ގޮތުގައި އެގޭގައި ކުރީން މަދުފެޅުމުގެ އިސް މީހަކީ، އޭނާގެ މަރުހޫމް ފިރިމީހާއެވެ. އޭނާ ނިޔާވުމުން ހައްވަ އެ މަސައްކަތުގެ ވެސް މުގުލުގައި ހިފީއެވެ. ހައްވަ ބުނި ގޮތުގައި ފުރަތަމަ މަދުފަޅަން ފެށި ދުވަސްވަރު މެދުން ބުރިނުވާ ގޮތަށް މަދެއް ފެޅެނީ ވަރަށް އުނދަގުލުންނެވެ. ނަމަވެސް މިހާރު އެއީ، ހައްވައަށް އެއްވެސް ކަމެއް ނޫނެވެ.

ޙައްވަ ކަނަމަދު ފެޅުމުގެ މަސައްކަތުގައި…

ހައްވަމެން މަދުފެޅުމުގެ މަސައްކަތް ފެށި އިރު ކަނަމަދު ނާޅިއެއްގެ އަގަކީ، 50 ލާރިއެވެ. އެއީ، 4 ލާހި ކަނަމަދެވެ. މިހާރުގެ ގޮތުން ނަމަ އެއީ، ކިލޯއެކެވެ. ނަމަވެސް މިހާރު ކަނަމަދު ކިލޯއެއްގެ އަގު ހުރީ، 520ރުފިޔާއަށް، 540ރުފިޔާއަށެވެ.  ހައްވަ ބުނި ގޮތުގައި އެހެން މަސައްކަތްތައް ވެސް ކުރަމުން ދެ ރޭން ތިން ރޭން ކަނަމަދު ކިލޯއެއް ފެޅެއެވެ. އެއް އިރެއްގައި ވެސް މަދު ލިބުމުގައި ދަތިކަމެއް ނޯންނަކަމަށް ހައްވަ ބުންޏެވެ. ރަށު ކައުންސިލުން ހުއްދަދީފައި އޮންނަ އުސޫލުން ވަލުތެރޭންނާއި ހައްވަމެންގެ ގެވަޅުގައި ހައްދާފައިވާ މިދިލިގަސްތަކުން ވެސް ބޭނުން ވަރަކަށް މަދު ލިބެއެވެ.

ހައްވަގެ އަނެއް މަސައްކަތަކީ، ތަރުކާރީ ހެއްދުމެވެ. ކިއުކަންބާ ބަށި ފަދަ ތަކެއްޗެވެ. އެ މަސައްކަތް ކުރަނީ އާއިލީ ދެތިން މީހުން އެކުވެގެންނެވެ. އެ މަސައްކަތުން ވެސް އެކަށީގެންވާ ރަނގަޅު އާމްދަނީއެއް ލިބޭކަމަށް ހައްވަ ބުންޏެވެ. އޭގެ އިތުރުން ކެއުމަށް ތަރުކާރީ ލިބުމަކީ ވެސް، ތަރުކާރީ ހެއްދުމުގެ އެއް ބޭނުންކަމަށް ހައްވަ ފާހަގަ ކުރިއެވެ.

އެ އަތޮޅު ޅޮއްސަށާއި ކުޑަފަރީއަށް ފެރީގައި ތަކެތި ފޮނުވުމުން ފައިސާ ޖަމާކޮށްދޭކަމަށާއި އެއީ ވަރަށް ފައިދާހުރި އަދި ހިތްހަމަޖެހިގެން ކުރެވޭ މަސައްކަތެއްކަމުގައި ހައްވަ ބުންޏެވެ. ތަރުކާރީ ހެއްދުމަށް ބޭނުންވާ ތަކެތި ގަންނަނީ ޓަނުންކަމަށް ވެސް ހައްވަ ބުންޏެވެ. ހައްވަ ބުނީ، ތަކެތި ވިއްކާފައި ލިބޭ ލާރި ޖަމާކުރަނީ ހައްވަގެ އެކައުންޓަށް ކަމަށާއި ދޭތެރެދޭތެރެއިން 3 ބެއިންގެ މެދުގައި ފައިސާ ބަހާއިރު، ފަސް ހާސް، ހަ ހާސް ރުފިޔާ ލިބޭތީ އެންމެން ވެސް ތިބެނީ ވަރަށް ހިތްހަމަޖެހިފައެވެ.

ހައްވަގެ 6 ކުދިން ތިބެއެވެ. އޭގެ ތެރެއިން 4 ކުދިން ދިރިއުޅެނީ ރަށުގައެވެ. އަނެއް ދެ ކުދިންގެ ތެރެއިން އެއްކުއްޖަކު ދިރިއުޅެނީ، ށ. ފީވަކުގައެވެ. އަނެއް ދަރިފުޅު މާލެ އަތޮޅު ގުޅީގައެވެ.

ރަސްމީކޮށް ހައްވަގެ މިހާރު އުމުރަކީ 70 އަހަރުކަމަށް ވިޔަސް، އެއަށް ވުރެ އުމުރުން ގިނަ ދުވަސް ވެދާނެކަމަށް ހައްވަ ލަފާކުރެއެވެ.

މިފަދަ ހީވާގި ކަނބަލުންގެ މުރާލިކަމުން އާއިލާއާއި ރަށަށް ގިނަގުނަ ފައިދާތަކެއް ކުރާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މި ފަދަ މަސައްކަތްތައް ކުރާ މީހުންގެ މަސައްކަތްތައް ވެސް ކަމާ ބެހޭ އިދާރާތަކުން ބަލައި ވަޒަންކޮށް އިތުރު ފުރުސަތުތައް ފަހިކޮށް ދެއްވުމަކީ މުހިންމުކަމެއް ކަމުގައި ދެކެމެވެ.

ޚިޔާލު ފޯމު

ޚިޔާލެއް ލިޔުއްވާ

ބޭނުންފުޅުނަމަ ވެބްސައިޓާއި އީމެއިލް އެޑްރެސް ނުޖެއްސެވިޔަސް އެންމެ ރަނގަޅު.