އެންމެ ފުރަތަމަ ދިވެހި ބުރައިލް އުފެއްދެވި
ކަނޑިތީމު ޔޫސުފް ޙަސަން
1981ވަނަ އަހަރުގެ މާރިޗުން 17ވަނަ ދުވަހު، ފުރަތަމަ ފަހަރަށް ށ. ކަނޑިތީމަށް ދިޔައީމެވެ. ކުޅުދުއްފުށީގައި ހުރި ހުރުމެއްގައެވެ. އެ ދުވަހު ހެނދުނު ސައިބުއީ އެ ރަށު ހުވަނދުމާގެއިންނެވެ. އޭގެ ފަހުން 1987 ޖަނަވަރީ މަހުގެ ތެރޭގައި ށ. އަތޮޅުގެ ބައެއް ރަށްރަށަށް ދިއުމުގެ ނަސީބު ލިބުނު ނަމަވެސް ކަނޑިތީމަށް ދެވުމުގެ ނަސީބެއް ނުލިބެއެވެ.
ރާއްޖޭގެ ވަރަށް ގިނަ ރަށް ރަށުގައި އަޅުގަނޑުގެ ވަރަށް ގިނަ ރައްޓެހި ރަހުމަތްތެރިން ތިބި ނަމަވެސް، އޭރު ވެސް އަދި އޭގެ ފަހުން ތިރީސް އެތައް އަހަރެއް ވީއިރު ވެސް ކަނޑިތީމުގައި ޚާއްސަ ރަހުމަތްތެރިޔަކު ނުހުރެއެވެ. ކަނޑިތީމުގެ ބައެއް މީހުން ދަންނަމެވެ. ދެކެފަރިތައެވެ. އެކަމަކު ކަނޑިތީމު މީހެއްގެ ގޮތުގައެއް ނޫނެވެ.
ކުޑައިރުން ފެށިގެން ވެސް ރޭޑިއޯއަކީ އަޅުގަނޑުގެ ވަރަށް ގާތް މިތުރެކެވެ. ގޭގައާއި އޮފީހުގެ މަސައްކަތުގެ ވަގުތުގައި ވެސް ވަރަށް ގިނައިން ރޭޑިއޯ އަޑު އެހެއެވެ. އެ ގޮތުން ރޭޑިއޯ އަޑުއަހަމުން ދިޔަ ދުވަހަކު ވަގުތުން ގުޅައިގެން ވާހަކަދައްކާ ގޮތަށް ކުރިޔަށް ގެންދިޔަ ރޭޑިއޯގެ ޕްރޮގްރާމެއްގައި ވާހަކަދެއްކެވި ބޭކަލަކު، ޢަރަބިބަސް ކިޔަވައިދިނުމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ގެންގުޅޭ ފޮތްބައި ލިބޭނޭ ގޮތްވޭތޯ ބަލައިދޭނެ މީހަކުވުމަކީ ވަރަށް ބޮޑަށް އެދިލައްވާ ކަމެއް ކަމަށް ބުނުއްވިއެވެ. އެ ބޭކަލަކީ، ލޮލުގެ އަލިކަމުން މަހުރޫމުވެފައިވާ ބޭކަލެއްކަމަށް ވެސް ބުނުއްވިއެވެ. އޭގެ ކުރިން ފާހަގަވެފައި ނެތްކަމުގައި ވިޔަސް އެ ބޭކަލަކު ވަރަށް ގިނައިން ރޭޑިއޯ ޕްރޮގްރާމްތަކަށް ގުޅުއްވާކަން އެ ދުވަހު ފާހަގަވިއެވެ. އެއީ، ށ. ކަނޑިތީމު ޔޫސުފެވެ. ރަސްމީ ނަމުން ދަންނަވާ ނަމަ، ފުރުއްމާގޭ ޔޫސުފު ޙަސަން (ނަސީމީގެ) އެވެ. އަޅުގަނޑު މުޚާތަބު ކުރާ ނަމުން، ޔޫސުފްބެއެވެ.
ކުރިން ދަންނަވައިލެވުނު ޕްރޮގްރާމާ ގުޅިގެން އަޑުގައި އުޅުއްވާ ރައްޓެއްސަކާ ގުޅައިލާފައި ޔޫސުފުބެގެ ނަންބަރު ލިބިދާނެތޯ ދަންނަވައިލީމެވެ. ޖަވާބަކަށް ވީ (އޮތް ގާތްކަމާ އެކު ވެސް) ޕްރޮގްރާމްތަކަށް ގުޅާ މީހުންގެ ނަންބަރު ދިނުމަކީ ހަމަޖެހިފައި އޮންނަކަމެއް ނޫންކަމަށެވެ. ނަމަވެސް، ޔޫސުފުބެ ހޯއްދަވަން އުޅުއްވާ ފޮތްބައި ލިބޭނެ ގޮތެއް ވޭތޯ ބަލައިދިނުންކަމަށާއި އެ ފޮތްބަޔާ ބެހޭ އިތުރު މައުލޫމާތު ހޯދައިލުން ކަމަށް ވާތީ، އިސް ބޭފުޅަކަށް ދަންނަވައިލައިގެން ނަމަވެސް ފޯނު ނަންބަރު ލިބޭނޭ ގޮތް ވޭތޯ އެދުނީމެވެ.
ދެ މީހުންގެ ވެސް ނަސީބު ރަނގަޅެވެ. ނަންބަރު ލިބޭ ގޮތް ވިއެވެ. ނަންބަރު ލިބުމާ އެކު ވަގުތުން ޔޫސުފްބެއާ ގުޅައިލައި ފޮތްބައިގެ މައުލޫމާތު ހޯދީމެވެ. އިސްލާމީ ޔުނިވަރސިޓީއާ ގުޅައިލުމުން، އޭރު އާންމުކޮށް ވިއްކަވާ ފޮތްބައެއް ނޫން ނަމަވެސް މުހުތާދު ސާފުކޮށް ދަންނަވައިލުމުން، ޔޫސުފްބެ އެ ބޭނުންވެލެއްވި ފޮތްބައި ގަންނަން ލިބޭނޭ ގޮތް ވެއްޖެއެވެ. ކޮންމެއަކަސް އެ ފޮތްބައި ހޯދައިފައި ފޮނުވައިދެވުމަކީ، އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އަދި ފޮތްބައި ލިބިލެއްވުމުން ޔޫސުފްބޭ ގުޅުއްވާފައި ޝުކުރުއަދާ ކުރައްވައި ދެއްކެވި ވާހަކައިން ޔޫސުފްބެ އުފާވެލައްވައިފައި ހުންނެވި ވަރު އިހުސާސުވިއެވެ.
އޭގެ ފަހުން ދުވަސްދުވަސްކޮޅުން ގުޅުއްވައެވެ. ހާލުއަހުވާލު އައްސަވައެވެ. މުހިންމު މުނާސަބަތުތަކުގައި ތަހުނިޔާ ކިޔުއްވައެވެ. ރޭޑިއޯ ޕުރޮގުރާމަކުން އަޅުގަނޑުގެ އަޑު އިވިލެއްވިޔަސް، ޕުރޮގުރާމު ނިމޭއިރަށްހެން ގުޅުއްވައި އެކަމާ ވަރަށް އުފާވެލެއްވިކަމަށް ބުނުއްވާނެއެވެ. ޔޫސުފްބެ ގުޅުއްވި ދިހަ ފަހަރުން އެއް ފަހަރު ވެސް އަޅުގަނޑަށް ގުޅައެއް ނުލެވެއެވެ.
ފޮތްބައިގެ ފަހުން ވެސް ހަދިޔާއެއް ފޮނުވުމުގެ ނިޔަތް އަބަދުވެސް އޮވެއެވެ. ނަމަވެސް ފޮނުވުނީ އެންމެ ދެ ފަހަރުއެވެ. އެންމެ ފަހުން އަޅުގަނޑުގެ “ނުރަސްމީ މޭޒު” ކައިރީގައި އިންނައިރު ފެންނަ ގޮތަށް ކަރުދާސްކޮޅެއްގައި “ކަނޑިތީމު ޔޫސުފްބެއަށް ހަދިޔާއެއް” ޖަހައިލައިފައި ބެހެއްޓީމެވެ. ނަމަވެސް އަމަލީ ސިފައެއް ނުގެނެވި އެތައް ދުވަހެއް ވީއެވެ. އޭގެ ފަހުން މިދިޔަ (1445ވަނަ އަހަރުގެ) ރޯދަމަހު އާ ހިތްވަރެއް ލައިފައި ހަދިޔާއެއް ފޮނުވަން ނިންމީމެވެ. ހަދިޔާ ފޮނުވުމަށް ޓަކައި ޔޫސުފްބެގެ އާއިލާގެ ބޭކަލަކާ ގުޅައިލުމުން ލިބުނީ، ވަރަށް ހިތާމަވެރި ޚަބަރެކެވެ. ޔޫސުފްބެ ނިޔާވެއްޖެކަމުގެ ޚަބަރެވެ. إنالله وإناإليه راجعون. މިއަދު އެ ކަމާ ދެރަވެއެވެ. އެކަމަކު ދެން ކުރެވެން އޮތީ ހެޔޮ ދުއާއެވެ. ފުއްސަވައި ރަހުމަތް ލައްވާށިއެވެ.
ޔޫސުފް ޙަސަންގެ ލޯ އަނދިރިވީ އުމުރުން 4 ވަރަކަށް އަހަރުގައެވެ. އެއީ، ލޮލަށް ދިމާވި ކަމެއްގައި ކައިރި އަތޮޅެއްގެ ރަށަކަށް ގެންދަވައިގެން ލޮލަށް އެޅި ބޭހެއްގެ ސަބަބުންނެވެ. ލޯފަންވުމަކީ، ނުވަތަ ލޯ އަނދިރިވުމަކީ، ވަރަށް ގިނަ ފަހަރަށް ހިތްއަލިވާކަމެއް ކަމަށް ފާހަގަ ކުރެވެއެވެ.
ޔޫސުފުބެއަކީ، ލޯ އަނދިރި ބޭކަލަކަށް ވިޔަސް، ފާހަގަކުރެވެނީ، ވަރަށް އުފެއްދުންތެރި ބޭކަލެއްގެ ގޮތުގައެވެ. ކީރިތި ޤުރްއާން އަޑުއެއްސެވުމަށް ޚާއްސަ ޝައުގުވެރިކަމެއް ބެހެއްޓެވިއެވެ. ނަތީޖާއެއްގެ ގޮތުން، ކީރިތި ޤުރްއާން ވަރަށް ބޮޑަށް ހިތުދަހެވެ. އަމިއްލައަށް ތާނަ ބްރައިލް ފޮންޓެއް އުފައްދަވައިގެން ބޭނުންވެލައްވާ އެއްޗެހި ލިޔުއްވަމުން ގެންދެވިއެވެ. މިއީ، ފުރަތަމަ އުފެއްދުނު ދިވެހި ބުރައިލް އަކުރެވެ. ފާހަގަކުރަން ޖެހޭ ފަދަ މުހިންމު މަސައްކަތެކެވެ. ޚާއްސަކޮށް ހަޔާތުގެ ހަނދާންތައް ލިޔުއްވައި ރައްކާކުރައްވާފައިވެއެވެ. ޤުރްއާން މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. މިސްކިތުގެ އިމާމުކަން ކުރެއްވިއެވެ. އަމިއްލައަށް ރަށުގައި ހިންގަވައި ބޭނުންވެލައްވާ ތަންތަނަށް ދުރުވެ އުޅުއްވިއެވެ.

ޔޫސުފް އަމިއްލައަށް އުފައްދަވާފައިވާ ޑައިރީއެއް
ކީރިތި ޤުރްއާނާއި އެހެނިހެން ފޮތްފޮތުގެ ވެސް ބޭރުގައި ހަންޖައްސަވައި ވަރަށް ރީތިކޮށް ބޭރު ހައްދަވައި އުޅުއްވިއެވެ. މަސައްކަތް ކުރެއްވުމަށް ބޭނުންވާ އާލާތް އަމިއްލައަށް އުފައްދަވައިގެންނެވެ. ކީރިތި ޤުރްއާންގެ މުސްހަފު ނުވަތަ ދިވެހީން އޭރު އާންމުކޮށް ކިޔާ ގޮތުން ނަމަ، “ތިރީސް” ލިބުމަކީ، އަޅުގަނޑުމެންގެ އެންމެ ޒުވާން ދުވަސްވަރު ވެސް އެހައި ފަސޭހަކަމެއް ނޫނެވެ. އަގުގެ ގޮތުންނާއި ދިވެހީންގެ އޭރުގެ އާންމު ދިރިއުޅުމުގެ ހާލަތުގެ ގޮތުންނެވެ. އެހެންކަމުން ގޭގޭގައި ގެންގުޅޭ ތިރީހުގެ ބޭރުގަނޑު ހަލާކުވުމުން ހަންޖަހައި ތަކުރާރުކޮށް ހަދައިގެން ބޭނުން ކުރުމަކީ، ވަރަށް އާންމުކަމެކެވެ. އަޅުގަނޑުމެންގެ ގެއިން ވެސް ތިރީސް ހަލާކުވުމުން ބަނޑޭރިގަނޑު ހައްދައި ހަނދާން ހުރެއެވެ. މާލޭގައި އޭރު އެކަން ކުރައްވާ އަޅުގަނޑުމެން ދަންނަ، މަޝްހޫރު އެއް ބޭފުޅަކީ، ބޮޑުފެންވަޅުގޭ އިބްރާހީމް ދީދީއެވެ. އަޅުގަނޑުމެން ކިޔައިއުޅެނީ “ބޮޑުފެންވަޅުގޭ ބޭފުޅާ”އެވެ. ރަށުބިޑިއަނބުރާ ކަރުދާސް އެ ހުންނަންޖެހޭ މިންތަކަށް ކަފައިދެއްވުމަކީ ވެސް ޔޫސުފްބެ ކުރެއްވި މަސައްކަތެކެވެ.
ރައީސް، އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމް، ހދ. މަކުނުދޫގައި ހުންނެވި ދުވަސްވަރު އެމަނިކުފާނުގެ އަރިހުން ޔޫސުފްބެ އުނގެނިލެއްވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ތައުލީމު ހާސިލު ކުރެއްވުމަށް ޔޫސުފްބެ މިސްރަށް ދުރުވުމުގެ ފުރުސަތެއް ހޯއްދަވައިދެއްވަން، ރައީސް މައުމޫން މަސައްކަތްޕުޅު ކުރެއްވިއެވެ.
ޔޫސުފްބެ ނިޔާވީ އުމުރުން 94 އަހަރުގައި، 12 ޖޫން 2023 ވީ ހޯމަ ދުވަހުއެވެ. ޔޫސުފްބެއަށް ލިބިލެއްވި 3 ދަރިންގެ ތެރެއިން އަންހެން ދަރިފުޅު ވަނީ ނިޔާވެފައެވެ. ދެ ފިރިހެން ދަރިންނާއި އަނބިކަނބަލަކު އެބަ އިންނެވިއެވެ.
_________________
ބައެއް މައުލޫމާތާއި ފޮޓޯ ދެއްވީ:
– ޤާރީ މުޙައްމަދު ރިޔާޒު
– މުޙައްމަދު ޢާރިފް
މައި ފޮޓޯ: ޔޫސުފްބެ އުފެއްދެވި ބްރައިލް އަކުރުގެ ލިޔުމުގެ ފޮތެއްގެ ދެ ސޮފުހާ
ޚިޔާލު ފޯމު