އެންމެ ފަހުގެ

އަޅުގަނޑު ދުށް ބައެއް ޝަޚުސިއްޔަތުންގެ ތެރެއިން….!

އަލްފާޟިލް ހޯރަފުށީ އާދަމް ސަލީމް (އާންމުކޮށް ގިނަ މީހުން ދަންނަ، ހޯރަފުށީ ސަލީމްބެ) (ރަޙިމަހުﷲ) އަކީ، މަޝްހޫރު ޅެންވެރިއެކެވެ. މޮޅު ވާހަކަދެއްކުންތެރިއެކެވެ. ގިނަ ބަޔަކާ ގާތްކަން ބެހެއްޓެވި މިތުރެކެވެ.

އަޅުގަނޑަށް ސަލީމްބެ ތާރަފުވީ، ސްކޫލް ދައުރުގައެވެ. އެ ދުވަސްވަރު ސަލީމްބެ މާލެ ވަޑައިގެން ހުންނަވަނީ މައުހަދު ގޯޅިއޭ ކިޔާ ތުއްރަވާސް ގޯޅިގައި ހުންނަ ރަތްކުންނާރުގޭގައެވެ. އަޅުގަނޑަކީ، އިސްކޫލު ދައުރުގައި ވެސް ރެއެއް ދުވާލެއް ނެތި މައުހަދުގައި ގިނަ ވަގުތު އުޅެވޭ މީހަކަށް ވާތީ ތަފާތު ވަގުތުތަކުގައި ސަލީމްބެއާ ބައްދަލުވެއެވެ.

އޭރު ސަލީމްބެގެ ބައެއް ބޭފުޅުން މާލޭގެ އެކި ގޭގޭގައި ތިއްބަވައިގެން ތައުލީމު ހާސިލު ކުރައްވަމުން ގެންދަވައެވެ. މާލޭގައި ހުންނަވާ ނަމަ، އެ ގޭގެއަށް ވަރަށް ގިނައިން ޒިޔާރަތްކުރެއްވުމަކީ، ސަލީމްބެގެ އާދަފުޅެކެވެ. އެ ދުވަސްވަރު މާލޭގެ މަގުތަކުގައި ގާ އަޅައިފައެއް ނޯވެއެވެ. ވާރޭ ވެހިއްޖެ ނަމަ، އޮންނަނީ ފެންހެދިފައެވެ. މައުހަދާ އިންވެގެން އޮންނަ ވައިލެޓް މަގުގައި ވެސް ވާރޭ ހުއްޓާތާ އެތައް ދުވަހެއްވާއިރު ވެސް ފެންގަނޑު ނުހިނދި އޮވެއެވެ. މައުހަދު ކުރިމަތިން ކަހަލަ ގޮތަކަށް ސޯސަންގެއާއި ޕެލްމެއިރާއާ ދެމެދު އޮންނަ ވައިލެޓް ގޯޅިއަކީ އެއަށް ވުރެ ވެސް ގިނަ ދުވަހު ފެންގަނޑު ހިމާޔަތްކޮށްދޭ ގޯޅިއެކެވެ. ޗަކަގަނޑާ ވެސް އެކުގައެވެ.

ވިއްސާރަ މޫސުމުގައި ފަޓުލޫނުކޮޅުގެ ފައިކުރި ކޮށިކޮށްލައްވައިގެން ފައިވާން އަތްޕުޅުން ނަންގަވައިގެން ހުސްފައިންޕުޅުގައި ވަޑައިގަންނަވަނިކޮށް އެތައް ފަހަރަކު ދިމާވިއެވެ. މިއޮއް ވިއްސާރައިގައި ފެންގަނޑުގައި ވަޑައިގަންނަވަނީ ކޮން ތާކަށްތޯ ދަންނަވައިލުމުން  ވިދާޅުވަނީ، ކިތަންމެ ވިއްސާރައަސް ބޭފުޅުންނާ ބައްދަލުކޮށްލައްވަން ވަޑައިނުގެން ނުހުންނެވޭނެކަމަށެވެ.  

އެ ފެނިދެނިވުމުގެ ކުރިން ވެސް ސްކޫލު ކުއްޖެއްގެ ގޮތުން އަޅުގަނޑަށް ބައިވެރިވެވުނު ވަރަށް ގިނަ ޖަލްސާތަކުން ސަލީމްބެއާ ބައްދަލުވެވިފައި ވެއެވެ. އަދި  މައުހަދުގައި ބޭއްވުނު، އަދަބީ ބައެއް މުބާރާތްތަކުގެ ފަނޑިޔާރުކަން ކޮށްދެއްވަން ވަޑައިގަންނަވާތީ ވެސް ބައްދަލުވެއެވެ. އެ ގޮތުން މައުހަދުގައި ވަރަށް ފޯރީގައި ބޭއްވުނު ބައިތުބާޒީ މުބާރާތާއި އަޅުގަނޑު އެ މުބާރާތުގައި ބައިވެރިވި “ސައިންސާއި ޓެކްނޮލޮޖީގެ ސަބަބުން ބޮޑަށް ލިބެނީ ފައިދާހޭ؟ ނުވަތަ ގެއްލުންހޭ؟” މި މައުޟޫއަށް ކުރެވުނު، މަޢުހަދުގެ ދެވަނަ ބަހުސް މުބާރާތުގެ އެއް ފަނޑިޔާރަކީ ވެސް ސަލީމްބެއެވެ.

ސަލީމްބެގެ މަތީން އެންމެ ބޮޑަށް ހަނދާންވާ ހާދިސާއަކީ، އަޅުގަނޑުގެ ހަޔާތުގައި އައި އެންމެ އެކަހެރި ފަސް މަސްދުވަހާ ގުޅިފައިވާ ހަނދާނެވެ. 1989 އޮކްޓޯބަރު 6 ން، 1990 ފެބުރުއަރީން 2 ށް ވ. ކެޔޮދޫގައި ހުންނަން ޖެހުނު ދުވަސްވަރުގެ ތެރެއިން، 24 ޑިސެންބަރު 1989ގައި ރާއްޖެތެރެއާ ބެހޭ ވުޒާރާގެ އިސްބޭފުޅުންގެ ވަފުދެއްގައި ސަލީމްބެ ހިމެނިވަޑައިގެން ވަޑައިގަތުމުން ބައްދަލުވި ބައްދަލުވުމުގެ ހަނދާނެވެ. އެ ރޭގެ ފަރީއްކޮޅަށް ފަހު ވާހަކަފުޅުދައްކަވައިލައްވަން އެ ބޭފުޅުން މަޑުކޮށްލެއްވި މަޑުކޮށްލެވުމުގެ ތެރެއިން ސަލީމްބެ އަޅުގަނޑާ އެކު އިތުރަށް ހޭދަކޮށްލެވި ވަގުތުކޮޅުގެ ހަނދާނެވެ. އެ ވަފުދުގައި ސަލީމްބެގެ އިތުރުން، އޭރު އެ ވުޒާރާގެ ވަކީލުން ކަމުގައިވާ އަލްފާޟިލް ނާއިބުގޭ އަޙްމަދު ޙަލީމާއި އަލްފާޟިލާ ފާޠިމަތު ޝީރީން ޢަބްދުﷲ ހިމެނިވަޑައިގަތެވެ.

މިދެންނެވުނު ދެތިންގަޑިއިރުގެ ތެރޭގައި ސަލީމްގެ ހަޔާތްޕުޅުގެ އެތައް ސޮފުހާތަކެއް ވިދާޅުވެދެއްވިއެވެ. މިސުރުގެ ޖާމިއުލްއަޒުހަރުން ކިޔަވާވިދާޅުވުމަށް ލިބިވަޑައިގަތް ފުރުސަތުގެ ވާހަކައާއި އެ ނަސީބު ބަދަލުވެގެން ދިޔަ ގޮތުގެ ވާހަކައެވެ. އެ ނޫންވެސް ނުކިއްސަރުކޮށް ދިމާވެވަޑައިގަތް ބައެއްކަންކަމުގެ ވާހަކައެވެ. އަދި އަޅުގަނޑަށް އެ ވަގުތު ދިމާވެފައިވާ ގޮތާއި އެ ހާލަތުގައި ވިސްނުން ބަހައްޓަންވީ ގޮތާއި ކުރިމަގަށް ސަމާލުކަން ދޭންވީ އެތައް ކަމެއް ވިދާޅުވެ ދެއްވައި ނަސޭހަތްތެރިވެވަޑައިގަތެވެ. އެއީ، އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. ފިލާވަޅެކެވެ.

މި ބަންދަށް ފަހު މާލެ އައިތާ ބަރާބަރު 1 މަސް ވީތަނާ އަލުން އަޅުގަނޑު ކުރިން ވެސް ހުރި، މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާގެ ސެކްރެޓަރީކަމުގެ ވަޒީފާއަށް ހަމަޖެހިއްޖެއެވެ. އެ ވަޒީފާއާ އެކު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ރަސްމީ ބައެއް ދަތުރުތަކުގައި އަތޮޅުތަކަށް ދާންޖެހުނެވެ. އެޑިޔުކޭޝަން އިސްބޭފުޅުންގެ ޓީމުތަކުގައެވެ. އެ ގޮތުން ހއ.އަށް ކުރި ދަތުރެއްގައި އަތޮޅުން ބައިވެރިވެވަޑައިގަތް ބޭފުޅުންގެ ތެރޭގައި ސަލީމްބެ ހިމެނިވަޑައިގަތެވެ. ދެން އުޅުއްވީ، އާދަމް ޢަބްދުއްރަޙްމާން (އުތީމު އާދަމްބެ)އެވެ. ހޯރަފުށްޓަށް ދެވުމުން، ރަބީޢީ މަންޒިލަށް ވެސް އަޅުގަނޑުމެން ގެންދެވިއެވެ. އެކުގައި ދެތިން ދުވަހު ދަތުރުކޮށްލެވުމުން އިތުރަށް ގާތްކަން އުފެދުނެވެ. ދަތުރުކުރީ ސަފާރީ ދޯންޏެއްގައެވެ. އަތޮޅު ހުރިހާ ރަށަކަށް ހެން ދެވުނެވެ. ދަތުރުގެ ވަކި ހިސާބަކުން މިނިސްޓަރ އޮނަރަބްލް ޢަބްދުﷲ ޙަމީދު ވެސް ބައިވެރިވަޑައިގެން މިނިސްޓަރ އަރިހުގައި ލޯންޗުގައި ބައެއް ރަށްރަށަށް ދަތުރު ކުރެވުނެވެ. ސަލީމްބެ ވެސް ހިމެނިވަޑައިގެންނެވެ.

އޭގެ ހައެއްކަ އަހަރު ފަހުން، 11 ސެޕްޓެންބަރު 1996ގައި އަޅުގަނޑުމެންނަށް ބައިވެރިވާން ޖެހުނީ، އޭގެ 5 ވަރަކަށް ދުވަސް ކުރީން އާދެ! 6 ސެޕްޓެންބަރު 1996ގައި އަވަށްޓެރި ކޮޅުނބުގެ ނަވަލޮކާ ހޮސްޕިޓަލުގައި ދެމި އޮތުމުގެ އާލަމަށް ދަތުރު ކުރެއްވި، އެ ކުޅަދާނަ، ހުނަރުވެރި ޝަޚުޞިއްޔަތުގެ ތައުބީނުގެ ޖަލްސާގައެވެ.

ޖަލްސާ ބޭއްވެވީ، ދިވެހިނާދީގެ ފަރާތުން، ދާރުލްއުލޫމުގައެވެ. އެ ޖަލްސާއަކީ، ތައުބީނުގެ ޖަލްސާއެއްގައި އަޅުގަނޑު ވާހަކަދެއްކި ފުރަތަމަ ޖަލްސާ ވެސް މެއެވެ. މަރުޙޫމްގެ އަގުހުރި ޒިކުރާގައި އެތައް ބޭފުޅުންނެއް ވާހަކަފުޅުދެއްކެވިއެވެ. އޭގެތެރެއިން އެންމެ އަސަރާ އެކު ވާހަކަފުޅުދެއްކެވި އެއް ބޭފުޅެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަ ކުރެވުނީ، ދިވެހިނާދީގެ ރައީސް، އޮނަރަބްލް އަލްއުސްތާޒު ޢަބްދުﷲ ޙަމީދު (ނ.ޢ.ޢ.ވ.)އެވެ.

ތައުބީނުގެ ޖަލްސާގައި ނެރެވުނު، އަށެއްކަ ސޮފުހާގެ ލުއި ފޮތުގައި އޮނަރަބްލް ޙަމީދު ލިޔުއްވާފައިވެއެވެ. “އަމިއްލަ ގޮތުން އާދަމް ސަލީމާ އަޅުގަނޑާ ދެމެދުގައިވާ އެކުވެރިކަމާއި ރަހުމަތްތެރިކަމުގެ ގުޅުމަކީ، ދުވަހަކު ވެސް ބަދަލެއް ނާންނަ ގުޅުމެއްކަން ހާމަކުރުމަށް އަޅުގަނޑުގެ ޒަމީރު މަޖުބޫރު ކުރެއެވެ. މިހެން މިދެންނެވީ އާދަމް ސަލީމަކީ އުފަލާއި ހިތާމައިގެ ވަގުތުތަކުގައި ވެސް ބަދަލުވުމެއްނެތް ތެދުވެރި އަޚަކު ކަމުގައި ވާތީއެވެ. އަދި އޭނާއާއި އަޅުގަނޑާ ދެމެދުގައިވާ  އެކުވެރިކަމުގެ ގުޅުން ފެށިފައިވަނީ އަޅުގަނޑުމެންގެ މަދްރަސީ ދައުރުގައި އެއް ކުލާހެއްގައި އުޅެވުނު ދުވަސްވަރުން ފެށިގެން ކަމަށް ވާތީއެވެ. ކޮންމެއަކަސް މާތް މީހުންގެ އަގުހުރި ހަނދާނާއި ޒިކުރާއަކީ ދެމިހުންނަނިވި އެއްޗެކެވެ. މިހެންވެ މަރްޙޫމްގެ ހަނދާންތައް އާކުރަމުން ކަރުނަޔާ އެކު އަޅުގަނޑު މި އެކުލަވައިލި ބަސްތައް ނިންމައިލަމެވެ.”

އާދެ! ސަލީމްބެގެ ހެޔޮ އަސަރުތައް ދިވެހިބިމުން ފިލައިގެން ނުދާނެއެވެ. ހައްދަވާފައިވާ ރީތި ލަވަތަކާއި މަދަހަތައް ތަކުރާރުކޮށް އިވެމުންދާނެއެވެ. އޭގެ ތެރެއިން ކޮންމެ އަހަރެއްގެ ރޯދަމަހު “ރޯދައޭ ރޯދައޭ ރޯދައޭ ރޯދައޭ، ރޯދަ ހިފުމުން އެތައް ހާސް ސަވާބެއް ލިބޭ” ކަން ހަނދާންކޮށް ދެއްވާފައިވާ ޅެން ދިވެހިރާއްޖޭގެ އަޑުން ތަކުރާރުކޮށް އިވެމުން ދެއެވެ. ހަމަގައިމުވެސް އެ މަދަހަ އަޑުނީވޭ ރޯދަމަހެއް ނިމިގެން ނުދެއޭ ދަންނަވާކަށް އަޅުގަނޑު ޖެހިލުމެއް ނުވެއެވެ. އެ މަރުހޫމްގެ ހެޔޮ ޒިކުރާއާ އެކުގައެވެ.

މަރުޙޫމްގެ ފުރާނަފުޅަށް ފުއްސެވުމާއި ރުއްސެވުން މިންވަރު ކުރައްވާށިއެވެ. ޢާއިލާއަށް ހެޔޮ ނަސީބާއި ބާއްޖަވެރިންކަން އިތުރުކުރައްވާށިއެވެ.

(2) ކިޔުންތެރިންގެ ޚިޔާލު

  1. މިއީ އަޅުގަނޑު ދަންނަ މީހެއް. ވަރަށް މަޑުމައިތިރި، ރަނގަޅު މީހެއް

  2. ރަނގަޅު ލިޔުމެއް

ޚިޔާލެއް ލިޔުއްވާ

ބޭނުންފުޅުނަމަ ވެބްސައިޓާއި އީމެއިލް އެޑްރެސް ނުޖެއްސެވިޔަސް އެންމެ ރަނގަޅު.